ށ.ފުނަދޫގައި ފަތުރުވެރި ކަމަށް 05 ބިން ދޫކުރަނީ

ށ.ފުނަދޫ ކައުންސިލުން ވަނީ ގޮނީގެ ދެކުނުން ފަތުރުވެރިކަމުގެ އެކިއެކި މަސައްކަތްތައް ކުރުމަށް 5 ބިމެއް 30 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް އިޢުލާން ކޮށްފައެވެ.
ކައުންސިލުން މިއަދު ކުރި އިޢުލާނުގައިވާ ގޮތުން، މި ބިންތައް ދޫކުރާނީ ބީލަމުގެ އުސޫލުންނެވެ. ބީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2025 ޖުލައި 3 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން esms@funadhoo.gov.mv އަށް އީމެއިލް ކޮށްގެން ރަޖިސްޓްރީ ކުރަންޖެހޭނެއެވެ.
ރަޖިސްޓްރީ ކުރުމަށް 500 ރުފިޔާގެ ފީއެއް ދައްކަންޖެހޭނެ ކަމަށާއި، މި ފައިސާ ޖަމާކުރަންޖެހޭނީ އެކައުންޓް ނަންބަރު 7724700306001 (ރެވެނިއު 1) އަށް ކަމަށް ކައުންސިލުން ވަނީ އަންގާފައެވެ. އަދި ފައިސާ ޖަމާކުރި ސްލިޕް ކައުންސިލްގެ އީމެއިލް އެޑްރެހަށް ފޮނުވަންޖެހޭނެ ކަމަށް ބުނެފައިވެއެވެ.
ބީލަން ހުށަހެޅުމުގެ ފުރުސަތު ދެވޭނީ ހަމައެކަނި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ކަަމަށާއި ބީލަން ހުޅުވުން އޮންނާނީ 2025 ޖުލައި 13 ވާ އާދީއްތަ ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައި ކަމަށް އިޢުލާނުގައި ބުނެފައި ވެއެވެ.
މި ބީލަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ކައުންސިލްގެ ނަންބަރު 6541009 އަށް ގުޅުއްވުމަށް ނުވަތަ އީމެއިލް މެދުވެރިކޮށް ކައުންސިލާ ކޮންޓެކްޓް ކުރުމަށް ވަނީ އަންގާފައެވެ.