ބޮޑު އީދާ ގުޅިގެން ފުނަދޫއިން ނެރުނު ލަވަތަކަށް މީސް މީޑިއާގައި ބޮޑު ތަރުހީބެއް!
ށ.ފުނަދޫގެ ދެ ޖަމްޢިއްޔާ، ފީޑްސް އަދި ޔެސް ފުނަދޫ އިން މި އަހަރު ބޮޑު އީދާ ގުޅިގެން ނެރުނު ލަވަތަކަށް ސޯޝަލް މީޑިއާގައި ވަރަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
މި ދެ ޖަމްޢިއްޔާއިން ނެރުނު ވީޑިއޯތަކަށް ޖުމުލަކޮށް ޔޫޓިއުބްގައި 68،000 އަށްވުރެ ގިނަ ވިއު އަދި ފޭސްބުކްގައި 190،000 އަށްވުރެ ގިނަ ވިއު ލިބިފައިވެއެވެ.
މި ދެ ލަވައިގެ ކެމެރާގެ ކުރިމަތިންނާ ފުރަގަހުން ފުނަދޫގެ އެތައް ޒުވާނުންގެ ތަފާތު ހުނަރު ފެނިގެންދާކަމީ ވަރަށް އުފާވެރި ކަމެކެވެ.
ފީޑްސްގެ ޢީދު ލަވަ
ފީޑްސްގެ ޢީދު ލަވައިގެ ވީޑިއޯގްރަފީ އާއި އެޑިޓިންގ އަކީ ފުނަދޫގެ ކުޅަދާނަ ފޮޓޯގްރަފަރެއް ކަމަށްވާ ތަންނީގެ ހުނަރު ފެނިގެންދާ މަސައްކަތެކެވެ. ލަވަ ކިޔާފައިވަނީ އަޝްވިން އާއި އާދަމް ހަސަން އެވެ. މިއުޒިކް ހަދާފައިވަނީ ތޯންސް ސްޓޫޑިއޯއިންނެވެ. މި ލަވައިގައި ފުނަދޫގެ އަންހެން ކުދިން ޑާންސް ކުރުމުގައި ބައިވެރިވެފައިވާއިރު، ފުނަދޫގެ އަންހެނުންނާއި ފިރިހެނުން ތަފާތު ރޯލްތަކުން ފެނިގެން ގޮސްފައެވެ.
ޔެސް ފުނަދޫގެ ޢީދު ލަވަ
ޔެސް ފުނަދޫގެ ޢީދު ލަވައިގެ ވީޑިއޯގްރަފީ އިން ދައްކުވައިދެނީ އަޔާޒް އާއި ޖަވާދުގެ ހުނަރުވެރިކަމެވެ. ވީޑިއޯ އެޑިޓިންގ މަސައްކަތް ކުރީ އަޔާޒެވެ. ޑްރޯން ފުޓޭޖް ތަކުން ފެނިގެންދަނީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ހުނަރުވެރި އެއް އެފް.ޕީ.ވީ ޕައިލެޓް ކަމުގައިވާ އަވާދް އާއި އަރަމުން އަންނަ ޑްރޯން ޕައިލެޓް ރާއިދުގެ މަސައްކަތެވެ. ލަވަ ކިޔާފައިވަނީ ފުނަދޫގެ ފުނަރު ބޮޑުބެރު ގުރޫޕުގެ ލީޑް ލަވަކިޔުންތެރިޔާ ޢަޤީލް (ބޮކި) އެވެ. މީގެ އިތުރުން މި ލަވައިން ފުނަދޫގެ އަންހެން ކުދިންގެ ހުނަރުވެރިކަން ފެނިގެންދެއެވެ.
ފީޑްސް އަދި ޔެސް ފުނަދޫ އަކީ ފުނަދޫގައި ސަގާފީ ހަރަކާތްތައް ދިރުވާ އާލާ ކުރުމުގައި ވަރަށް ފާހަގަ ކުރެވޭ މަސައްކަތްތަކެއް ކުރާ ދެ ޖަމިއްޔާކަން ފާހަގަ ކުރެވެއެވެ.