ޚަބަރު

ށ.ފުނަދޫގައިވެސް އެތައް ބަޔަކު ޖެހުނު ޖެމްކިޔު ސްކޭމްގައި އަދިވެސް މީހަކު ހައްޔަރެއް ނުކުރޭ - ކުއަންޓްޕޭން ނަމުގައި އައު ސްކޭމެއް!

ލިޔުނީ: އައިމަން 27 Jun 2025, 01:12 PM
ށ.ފުނަދޫގައިވެސް އެތައް ބަޔަކު ޖެހުނު ޖެމްކިޔު ސްކޭމްގައި އަދިވެސް މީހަކު ހައްޔަރެއް ނުކުރޭ - ކުއަންޓްޕޭން ނަމުގައި އައު ސްކޭމެއް!

ސާޅީސް ހާހަށްވުރެ ގިނަ ދިވެހީން އެތައް މިލިއަން ރުފިޔާއެއް އިންވެސްޓްކޮށްފައިވާ ޖެމްކިޔު އިންވެސްޓްމަންޓް ސްކީމް (ޖީއެމްސީއީ) މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު، އަލަށް 'ކުއަންޓްޕޭން' ނަމުގައި ހަމަ އެފަދަ އިތުރު ޕިރަމިޑް ސްކޭމެއް ރާއްޖޭގައި ފެށިފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން އިންޒާރު ދެއެވެ.

އާ ސްކޭމެއްގެ އިންޒާރު!

"ޖީއެމްސީއީ ހުއްޓާލުމަށްފަހު، މިހާރު 'ކުއަންޓްޕޭން' ނަމުގައި އައު ސްކޭމެއް ފެށިފައިވާކަން ފާހަގަކުރެވިފައިވޭ. މިއީ ވެސް ހަމަ ޖީއެމްސީއީ ފަދަ ޕިރަމިޑް ސްކޭމެއް. އެހެންކަމުން ރައްޔިތުން މިކަމަށް ސަމާލުވެ، މިފަދަ ސްކޭމްތަކަށް އިންވެސްޓް ނުކުރުމަށް އަޅުގަނޑުމެން ގޮވާލަން،" މޯލްޑިވްސް ޕޮލިސް ސަރވިސްގެ އޮފިސަރެއް ވިދާޅުވިއެވެ.

ކުއަންޓްޕޭން ސްކޭމްގައި ވެސް ވަރަށް މަތީ ފައިދާއެއް ލިބޭނެ ކަމަށް ބުނެ މީހުން ހޯދަމުންދާ ކަމަށާއި، މިއީ ވެސް ހަމަ ޖީއެމްސީއީ ފަދައިން އާ އިންވެސްޓަރުންގެ ފައިސާއިން ކުރީގެ އިންވެސްޓަރުންނަށް ފައިދާ ދޭ ގޮތަށް ރޭވިފައިވާ ނިޒާމެއްކަން ފާހަގަކުރެވެއެވެ.

ޕިރަމިޑް ސްކޭމް: މަކަރުވެރި ވިޔަފާރީގެ ނަމޫނާއެއް!

ޕިރަމިޑް ސްކޭމަކީ މަކަރުވެރި ވިޔަފާރި މޮޑެލެއް ކަމަށާއި، މި މޮޑެލްގައި އާ އިންވެސްޓަރުންގެ ފައިސާއިން ކުރީގެ އިންވެސްޓަރުންނަށް ފައިދާ ދޭ ގޮތަށް ބައްޓަންކުރެވިފައިވާ ނިޒާމެއްކަން ފުލުހުން ވަނީ ހާމަކޮށްފައެވެ. މި ސްކޭމްގެ އެންމެ މައްޗަށް ތިބޭ މަދު ބަޔަކަށް ބޮޑެތި ފައިދާތައް ލިބުނު ނަމަވެސް، އާންމު އިންވެސްޓަރުންނަށް ވަނީ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިފައެވެ.

"ޕިރަމިޑް ސްކޭމްތަކުގައި އާންމުކޮށް ވަރަށް މަތީ ފައިދާއެއް ލިބޭނެ ކަމަށް ވަޢުދުވެއެވެ. އަދި އާ މެންބަރުން ގެނައުމުން ކޮމިޝަން ލިބޭނެ ކަމަށް ބުނެ، މީހުން ވެއްދުމަށް ބާރުއަޅައެވެ. ނަމަވެސް މިއީ ދެމެހެއްޓެނިވި ވިޔަފާރި މޮޑެލެއް ނޫނެވެ،" މާލީ ދާއިރާގެ މާހިރެއް މި ނޫހަށް ވިދާޅުވިއެވެ.

މި މަހުގެ 19 ވަނަ ދުވަހު ޖީއެމްސީއީން ފައިސާ ނުނެގޭ ގޮތް ވުމާއެކު، އިންވެސްޓަރުންނަށް ކަންބޮޑުވުން ކުރިމަތިވިއެވެ. ނަމަވެސް އޭރު ބުނެފައިވަނީ ދެ ދުވަހެއްގެ ތެރޭގައި މައްސަލަ ހައްލުވާނެ ކަމަށެވެ. އެހެން ނަމަވެސް މި މަހުގެ 21 ވަނަ ދުވަހު އެ ސްކީމްގެ ރަސްމީ ޓެލެގްރާމް އެކައުންޓުން އިއުލާންކޮށްފައިވަނީ ސްކީމް ހުއްޓާލާފައިވާ ކަމަށެވެ.

ށ. ފުނަދޫގައި ވެސް ގިނަ އަދަދެއްގެ ރައްޔިތުން މި ސްކޭމްގައި ޖެހިފައިވާކަން ފާހަގަކުރެވެއެވެ. "އެންމެ ހިތާމަވެރި ކަމަކީ މިއީ ސްކޭމެއްކަން އެނގިހުރެ ވެސް، އިތުރު މީހުން މީގެ ތެރެއަށް ވެއްދުމަށް މަސައްކަތްކުރި ބަޔަކު ތިބިކަން،" ފުނަދޫގެ ރައްޔިތެއް ބުނެފައިވެއެވެ.

ޕިރަމިޑް ސްކޭމްތަކުގެ ނުރައްކާތެރިކަމަކީ އެންމެ ފަހުން އިންވެސްޓްކުރާ ފަރާތްތަކަށް އެއްވެސް ފައިދާއެއް ނުލިބި، އެ ފަރާތްތަކުގެ ފައިސާ ގެއްލިގެން ދިއުމެވެ. މި ސްކޭމްތައް ފެށޭއިރު ކުރީކޮޅު އިންވެސްޓްކުރާ ފަރާތްތަކަށް ފައިދާ ލިބުނު ނަމަވެސް، ފަހުން އިންވެސްޓްކުރާ ފަރާތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިފައެވެ.

ސަމާލުވާންވީ ކަންކަން!

މާލީ ދާއިރާގެ މާހިރުން އަންގައިދޭ ގޮތުގައި މިފަދަ ސްކޭމްތައް ދެނެގަނެވޭނެ މައިގަނޑު ކަންތައްތަކުގެ ތެރޭގައި:

  • އާދަޔާ ޚިލާފު މަތީ ފައިދާގެ ވަޢުދުތައް
  • އާ މެންބަރުން ގެނައުމުން ކޮމިޝަން ލިބޭނެކަމުގެ ވަޢުދު
  • ވިޔަފާރީގެ ތަފްސީލު ނޭނގުން
  • ފައިސާ އަވަހަށް އިންވެސްޓްކުރަން ބާރުއެޅުން

"ޖީއެމްސީއީގެ ހިތި ތަޖުރިބާއިން ފިލާވަޅު ލިބިގެންވާއިރު، އަނެއްކާވެސް މިފަދަ ސްކޭމަކަށް ރައްޔިތުން ވެއްޓިދާނެކަމީ ކަންބޮޑުވާންޖެހޭ ކަމެއް. އެއްވެސް ހާލެއްގައި މިފަދަ ސްކޭމްތަކަށް އިންވެސްޓް ނުކުރުމަށް އަޅުގަނޑުމެން ގޮވާލަން،" ސީއެމްޑީއޭގެ އިސް އޮފިސަރެއް ވިދާޅުވިއެވެ.


ގުޅޭ ޚަބަރުތައް