ޚަބަރު

ރާޅު އަރާ ތަނަކުން ބިން ދޫކުރީ ރައްޔިތުން އެގޮތަށް އެދުމުން - ށ.ފުނަދޫ ކައުންސިލް ރައީސް

ލިޔުނީ: އައިމަން 27 Jun 2025, 10:21 PM
ރާޅު އަރާ ތަނަކުން ބިން ދޫކުރީ ރައްޔިތުން އެގޮތަށް އެދުމުން - ށ.ފުނަދޫ ކައުންސިލް ރައީސް
ފޮޓޯ / ވީޑިއޯ: ހުސައިން އަރީފް

ށ.ފުނަދޫގައި މަސްވެރިކަމުގެ އެކި މަސައްކަތްތައް ކުރުމަށް ދޫކޮށްފައިވާ ސަރަހައްދަށް އުދައަރައި، އެ ސަރަހައްދުން ބިން ކުއްޔަށް ހިފައިގެން އުޅޭ ފަރާތްތަކަށް މިއަދު ވަރަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. މި ސަރަހައްދަކީ އެތައް އަހަރެއް ވަންދެން ރަށް ގިރުމުގެ މައްސަލަ ކުރިމަތިވަމުން އަންނަ ސަރަހައްދެއް ކަމަށް ވެފައި، މި ސަރަހައްދުގައި ވިޔަފާރި ހަރަކާތްތައް ހިންގުމަށް ބިން ދޫކުރުމާ މެދު ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނަ ސަރަހައްދެކެވެ.

މި މައްސަލައާ ގުޅިގެން ފުނަދޫ ހޮސްޕިޓަލުގެ މެނޭޖަރު އަދި ކުރީގެ ރަށު ކައުންސިލް މެންބަރުކަމާއި އަތޮޅު ކައުންސިލްގެ މެންބަރު ކަން ކޮށްފައިވާ އަހްމަދު ފާއިޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، 2011 އިން ފެށިގެން ރަށް ގިރުމުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅޭގޮތުން އެކި ފަހަރު މަތިން ތަފާތު ބައްދަލުވުންތައް ބާއްވައި، ލިޔުމުން ވެސް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކުރީގެ ރަށު ކައުންސިލް މެންބަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކޮންމެ ވެރިކަމެއްގައިވެސް މި މައްސަލައަށް ހައްލެއް ހޯދައިދޭނެ ކަމުގެ ވައުދުވެފައިވާ ކަމަށާއި، ނަމަވެސް ފާއިތުވި ދެ ވެރިކަމެއްގައި މިކަމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް މިހާރުގެ ސަރުކާރަށް ދެ އަހަރު ނުވަނީސް، 2025 ވަނަ އަހަރުގެ ޖޫން 22 ގައި މި މަސައްކަތުގެ އީއައިއޭ ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެންމެ ބޮޑު އެއް ހިތާމައަކީ ރާޅު އަރަމުންދާ ސަރަހައްދަށް ރަށުގެ ސިނާއީ ސަރަހައްދު ބަދަލުކުރުމުން ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތަކެވެ. އަދި މި މައްސަލައަށް ދާއިމީ ހައްލެއް ނުލިބި ގިނަ ދުވަސްތަކެއް ވެފައިވާއިރު، އެ ސަރަހައްދުގައި އިންވެސްޓްކުރުމަށް ބަޔަކު މަޖުބޫރުކުރުވައިގެން ކުރިއަށް ގެންގޮސްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި މައްސަލައާ ގުޅިގެން ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާހިމްފުޅު ވިދާޅުވެފައިވަނީ، ރާޅު އަރާކަން އެނގޭ ތަނަކުން ބިން ދޫކޮށްފައިވަނީ ރައްޔިތުން އެގޮތަށް އެދުމުން ކަމަށާއި، މިއަދުގެ ސަރުކާރުންނާއި ށ.ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހް ވެސް އަވަސް ހައްލެއް ހޯދައިދޭނެ ކަމަށް ވައުދުވުމުން ކަމަށެވެ. ނަމަވެސް މި ވާހަކައަށް ރައްޔިތުން ދެކޮޅު ހަދައި، ސޯޝަލް މީޑިއާގައި ފާޅުކަން ބޮޑު ގޮތެއްގައި މި ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް ފާހަގަކޮށްފައިވެއެވެ.

ސޯޝަލް މީޑިއާގައި ގިނަ ފަރާތްތަކުން ފާހަގަކޮށްފައިވާ ގޮތުގައި ކައުންސިލް ރައީސްގެ މި ބަސްފުޅަކީ ހަގީގަތާ ޚިލާފު ވާހަކައެކެވެ. މިކަން ސާބިތުވާ ގޮތުގައި، ކައުންސިލުން މި ބިންތައް ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ކަމަށްވެފައި، ރައްޔިތުންގެ މަޖިލީހަށް މެންބަރު މުޙައްމަދު މަމްދޫހް ހޮވިފައިވަނީ 2024 ވަނަ އަހަރުގެ މޭ މަހުގައި ކަމަށް ވާތީއެވެ. މި ތާރީޚުތަކަށް ބަލާއިރު، ކައުންސިލް ރައީސް ވިދާޅުވި ފަދައިން މެންބަރު މަމްދޫހްގެ ވައުދަކަށް ބިނާކޮށް މި ބިންތައް ދޫކުރެވިފައިވުމަކީ އެއްގޮތަކަށްވެސް ވެދާނެ ކަމެއް ނޫން ކަމަށް ރައްޔިތުން ފާހަގަކުރެއެވެ.

މި މައްސަލައާ ގުޅޭ ކައުންސިލްގެ ޖަލްސާތަކުގެ ލިޔެކިޔުންތައް ކައުންސިލްގެ ފޭސްބުކް ޕޭޖުގައި ޢާންމުކޮށްފައިވާ ކަން ފާހަގަކުރެވެއެވެ. މި ލިޔެކިޔުންތަކުން ވެސް ސާފުވާ ގޮތުގައި، ބިން ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މިހާރުގެ މެންބަރު މަމްދޫހް މަޖިލީހަށް ހޮވުމުގެ މާކުރިންނެވެ.

މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކުރަމުންދާ ގިނަ ފަރާތްތަކުން ފާހަގަކުރާ އެއް ކަމަކީ، މިހާރުގެ ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާހިމްފުޅު ކައުންސިލްގައި 13 އަހަރު ދުވަހުގެ ދިގު މުއްދަތެއްގައި މަސައްކަތް ކުރައްވާފައިވާއިރުވެސް، މި ފަދަ ހައްސާސް މައްސަލައަކަށް އެކަށީގެންވާ ހައްލެއް ހޯދައިދެވިފައި ނުވާ ކަމެވެ. ރައްޔިތުންގެ މުދަލާއި ވިޔަފާރިތަކަށް މިހާ ބޮޑެތި ގެއްލުންތަކެއް ލިބެމުންދާއިރު، އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އިސްނަގައިގެން މަސައްކަތް ކުރައްވާފައި ނުވާކަން ފާހަގަކޮށް، ގިނަ ފަރާތްތަކުން ވަނީ ފާޑުކިޔުންތައް އަމާޒުކޮށްފައެވެ.

އަދި މިހާ ދިގު މުއްދަތެއްގައި ކައުންސިލްގައި މަސައްކަތްކުރައްވާފައިވާ ބޭފުޅަކަށް ވީހިނދު، ރަށުގެ ރާޅު އަރާ ސަރަހައްދުތަކާއި ގިރާ ސަރަހައްދުތަކުގެ މައްސަލަ އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށާއި، އެހެންނަމަވެސް އެ ސަރަހައްދުތަކުން އަލުން ބިން ދޫކުރުމަކީ ޒިންމާދާރު ގޮތެއްގައި ނިންމާފައިވާ ނިންމުމެއް ނޫން ކަމަށް ވެސް ގިނަ ފަރާތްތަކުން ދަނީ ފާހަގަކުރަމުންނެވެ.

ގުޅޭ ޚަބަރުތައް