ށ.ފުނަދޫގައި އިސްލާމީ މަރުކަޒެއް އިމާރާތްކުރާނެ ފަރާތެއް ހޯދަނީ!

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއިން ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިސްލާމީ މަރުކަޒުތަކާއި މިސްކިތްތައް އިމާރާތްކުރުމުގެ މަޝްރޫޢުގެ ދަށުން ށ.ފުނަދޫގައި އިސްލާމީ މަރުކަޒެއް އިމާރާތްކުރާނެ ފަރާތެއް ހޯދުމަށް އިޢުލާނުކޮށްފައެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ދަށުން ޖުމްލަ 4 ރަށެއްގައި އިސްލާމީ މަރުކަޒު އަދި 10 ރަށެއްގައި މިސްކިތް އިމާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން ށ.ފުނަދޫ އިސްލާމީ މަރުކަޒުގެ މަސައްކަތަށް 102,000 ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަންޖެހޭނެއެވެ.
މި މަސައްކަތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު 16 ޖުލައި 2025 ވާ ބުދަ ދުވަހުގެ މެންދުރު 14:00 އާ ހަމައަށް ހުޅުވާލެވިފައިވެއެވެ. ބިޑުތައް ހުށަހަޅަންޖެހެނީ ބީލަން ޕޯޓަލް (https://beelan.finance.gov.mv) މެދުވެރިކޮށެވެ. ހުށަހެޅޭ ބިޑުތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 17 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައެވެ.