ޚަބަރު

ފުނަދޫގައި 05ވަނަ ފުޓުބޯޅަ ދަނޑު އެޅުމަށް ކައުންސިލުން އިއުލާނުކޮށްފި!

ލިޔުނީ: އައިމަން 02 Jul 2025, 06:00 PM
ފުނަދޫގައި 05ވަނަ ފުޓުބޯޅަ ދަނޑު އެޅުމަށް ކައުންސިލުން އިއުލާނުކޮށްފި!

ށ. ފުނަދޫގައި މިހާރު ހުރި 3 ފުޓުބޯޅަ ދަނޑުގެ އިތުރުން ފުޓްސަލް ދަނޑެއް ތަރައްޤީ ކުރުމަށް ފުނަދޫ ކައުންސިލުން އިއްޔެ އިޢުލާން ކޮށްފިއެވެ. މި އިޢުލާނާ ގުޅިގެން ރަށުގެ ޒުވާނުންގެ ފާޑުކިޔުންތައް އަމާޒުވެފައިވަނީ ރަށުގައި ފުޓުބޯޅަ ފިޔަވައި އެހެން ކުޅިވަރުތަކަށް ފުރުސަތު ނެތް ކަމަށެވެ.

ކައުންސިލުން ކުރި އިޢުލާނުގައިވާ ގޮތުން، މި މަޝްރޫޢުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން 2025 ޖުލައި 13 ވަނަ ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރީ ވާންޖެހޭނެއެވެ. އަދި ރަޖިސްޓްރީ ވުމަށް 1000 ރުފިޔާގެ ފީއެއް ދައްކަންޖެހޭނެއެވެ.

ފުނަދޫ ޒުވާނެއް ވިދާޅުވި ގޮތުގައި، "ރަށުގައި މިހާރުވެސް ތިން ފުޓުބޯޅަ ދަނޑު އެބަހުރި. އަދި އިތުރު ދަނޑެއް އަޅަން އުޅޭއިރު، ބާސްކެޓް ބޯޅަ، ސްކޭޓް ކުރުން، ކައިޓް ސަރފިންގެ އިތުރުން ތަފާތު މޫދު  ކުޅިވަރުތަކަށް އެއްވެސް ފުރުސަތެއް ނެތްކަން ފާހަގަކުރަން. މިއަށްވުރެ ރަނގަޅުވާނެ ސްކޭޓް ޕާކެއް ހަދަންވެސް އެ ތަނުގަ!"

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 2025 ޖުލައި 24 ވަނަ ދުވަހުގެ 13:00 ގައި ފުނަދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. މި މަޝްރޫޢުއާ ގުޅޭ އިތުރު މަޢުލޫމާތު ކައުންސިލްގެ އީމެއިލް އެޑްރެސް މެދުވެރިކޮށް ލިބޭނެކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.

ފުނަދޫގައި އިތުރު ފުޓްސަލް ދަނޑެއް އެޅުމަށް ނިންމި ނިންމުމަކީ ރަށުގެ ގިނަ ޒުވާނުން ކަންބޮޑުވާ ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ގުޅޭ ޚަބަރުތައް