މޯލްޑިވިއަންގެ ފްލައިޓުތަކުގައި ޕަވަރބޭންކް ބޭނުންކުރުން މަނާކޮށްފި!

ފަސިންޖަރުންނާއި، ފްލައިޓް ކުރޫ އަދި މަތިންދާބޯޓުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، މޯލްޑިވިއަންގެ އެންމެހާ ފްލައިޓުތަކުގައި ޕަވާބޭންކް ގެންދިއުމާއި ބޭނުންކުރުމާ ގުޅޭ އައު ގަވާއިދުތަކެއް ވަނީ އިއުލާންކޮށްފައެވެ. މި ގަވާއިދުތަކަށް އަމަލުކުރަން ފަށާނީ 2025 ޖުލައި 6ވަނަ ދުވަހުން ފެށިގެންނެވެ. މި ގަވާއިދުތަކުގެ ދަށުން ކޮންމެ ފަސިންޖަރަކަށްވެސް ގިނަވެގެން ގެންދެވޭނީ 2 ޕަވާބޭންކެވެ. އަދި މި ޕަވާބޭންކްތަކުގެ ކެޕޭސިޓީ ހުންނަންވާނީ 100Wh އަށްވުރެ ދަށުގައެވެ.
ސަލާމަތީ ފިޔަވަޅުތައް
ފްލައިޓުގައި ދަތުރުކުރާއިރު ޕަވާބޭންކް ބަހައްޓަންވާނީ އަމިއްލަ އަތުގައި (ހަށިގަނޑުގައި) ނުވަތަ ކުރިމަތީ ގޮނޑީގެ ޖީބުގައި ނުވަތަ ގޮނޑީގެ ދަށުގައެވެ. އޯވަރހެޑް ބިންތަކުގައި ޕަވާބޭންކް ބެހެއްޓުމަކީ މަނާކަމެކެވެ. އަދި ޗެކްއިން ކުރާ ދަބަހުގައިވެސް ޕަވާބޭންކް ގެންދިއުން ވަނީ މަނާކޮށްފައެވެ.
މަތިންދާބޯޓުގައި ދަތުރުކުރަމުންދާއިރު، ޕަވާ ބޭންކު ބޭނުންކޮށްގެން އެއްވެސް ޑިވައިސްއެއް ޗާޖުކުރުން ނުވަތަ ޕަވާ ބޭންކު ޗާޖުކުރުން މަނާވާނެކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.
ޝޯޓް ސަރކިޓްވުމާއި އެކްސިޑެންޓަލްކޮށް އެކްޓިވޭޓްވުން ހުއްޓުވުމަށްޓަކައި، ޕަވާބޭންކް ގެންދަންވާނީ އޭގެ އަސްލު ޕެކޭޖިންގައި ނުވަތަ ޓާމިނަލްތައް އިންސިއުލޭޓްކޮށްގެެންނެވެ. މިސާލަކަށް، ހާމަވެފައިވާ ޓާމިނަލްތަކުގައި ޓޭޕް އަޅައިގެން ނުވަތަ ކޮންމެ ޕަވަރ ބޭންކެއް ވަކި ޕްލާސްޓިކް ކޮތަޅެއްގައި ނުވަތަ ރައްކާތެރި ޕައުޗަކަށްލައިގެންނެވެ.
މޯލްޑިވިއަންއިން ވަނީ އެންމެ މަތީ ސަލާމަތީ މިންގަނޑުތައް ދެމެހެއްޓުމަށް އަޒުމު ކަނޑައަޅާފައިވާ ކަމަށާއި، މި ސަލާމަތީ ފިޔަވަޅުތަކަށް ފަސިންޖަރުން އެއްބާރުލުން ދިނުމަކީ މުހިންމުކަމެއް ކަމުގައި ފާހަގަކޮށްފައިވެއެވެ.