ފުނަދޫ ކައުންސިލުން އިންތިޒާމުކުރާ އޮފީސްތަކުގެ ވޮލީ މުބާރާތް ފެށިގެން ކުރިއަށް

ށ. ފުނަދޫ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އޮފީސްތަކުގެ ވޮލީ މުބާރާތް އިއްޔެ ވަނީ ފަށައިފައެވެ. މުބާރާތް ފެށުމުގެ ގޮތުން އިއްޔެ ކުޅުނު ދެ މެޗަކީވެސް ވަރަށް ފޯރިގަދަ ދެ މެޗެވެ.
މުބާރާތުގެ ފުރަތަމަ ދުވަހު ކުޅުނު ފިރިހެން ޑިވިޝަންގެ މެޗުގައި، ފުނަދޫ ކައުންސިލްގެ ޓީމާއި ފުނަދޫ އެއަރޕޯޓްސް ކްލަބާ ދެމެދު ކުޅުނު މެޗް ނިމުނީ 3-0 އިން ފުނަދޫ ކައުންސިލްގެ ޓީމް މޮޅުވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފުނަދޫ ކައުންސިލް ޓީމުގެ ޖާޒީ ނަންބަރު 19، ސުނިލް ރާއީ އެވެ. އަދި އަންހެން ޑިވިޝަންގައި ފުނަދޫ އެއަރޕޯޓްސް ކްލަބާއި އަތޮޅު ކައުންސިލްގެ ޓީމާ ދެމެދު ކުޅުނު މެޗުން 3-1 އިން ވަނީ އަތޮޅު ކައުންސިލްގެ ޓީމް މޮޅުވެފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އަތޮޅު ކައުންސިލްގެ ކުޅުންތެރިޔާ މާޔާ ހުސައިން ސަލާޙް އެވެ.
މުބާރާތުގެ ދެވަނަ ދުވަހުގެ ގޮތުގައި މިއަދު ކުޅޭ މެޗުތަކުގެ ތެރޭގައި، ހަވީރު 4:30 ގައި ފިރިހެން ޑިވިޝަންގައި ށަވިޔަނި އަތޮޅު ހޮސްޕިޓަލުގެ ޓީމާއި ފުނަދޫ ޕޮލިސް ޓީމު ބައްދަލުކުރާއިރު، ރޭގަނޑު 8:30 ގައި އަންހެން ޑިވިޝަންގައި ފުނަދޫ އެއަރޕޯޓްސް ކްލަބާއި ށަވިޔަނި އަތޮޅު ހޮސްޕިޓަލުގެ ޓީމު ބައްދަލުކުރާނެއެވެ.
މި މުބާރާތާ ގުޅޭ އެންމެހާ އަޕްޑޭޓްތައް ފުނަދޫ ސްޕޯޓްސް ފޭސްބުކް ޕޭޖުން ލިބެން ހުންނާނެ އެވެ.