ކުޅިވަރު

އިންޓަރ އޮފީސް ވޮލީބޯޅަ މުބާރާތް؛ އަންހެން ޑިވިޟަންގެ ޗެމްޕިއަންކަން ށ. އަތޮޅު ހޮސްޕިޓަލަށް

ލިޔުނީ: އައިމަން 11 Jul 2025, 02:05 AM
އިންޓަރ އޮފީސް ވޮލީބޯޅަ މުބާރާތް؛ އަންހެން ޑިވިޟަންގެ ޗެމްޕިއަންކަން ށ. އަތޮޅު ހޮސްޕިޓަލަށް
މުބާރާތުގެ ޗެމްޕިއަން ޓީމް / ފޮޓޯ: ފުނަދޫ ސްޕޯޓްސް

ށ.އަތޮޅު ހޮސްޕިޓަލް އަދި ށ.އަތޮޅު ކައުންސިލް ރެކްރިއޭޝަން ކްލަބާ ދެމެދު ކުޅުނު ފައިނަލް މެޗުން ށ.އަތޮޅު ހޮސްޕިޓަލް ވަނީ މޮޅުވެ، އިންޓަރ އޮފީސް ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.

ވަރަށް ފޯރި ގަދަކޮށް ކުރިއަށް ދިޔަ މި ފައިނަލް މެޗުގައި، ފުރަތަމަ ސެޓް ށ.އަތޮޅު ކައުންސިލް ރެކްރިއޭޝަން ކްލަބަށްް ދޫކޮށްލުމަށްފަހު، ށ.އަތޮޅު ހޮސްޕިޓަލުން ވަނީ ވިދިވިދިގެން ތިން ސެޓް ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަކީ ށ.އަތޮޅު ހޮސްޕިޓަލްގެ ޢާއިޝަތު މާޖިދާ އެވެ. ރާއްޖޭގެ ޤައުމީ ވޮލީބޯޅަ ޓީމުގެ ކުޅުންތެރިޔާ މާޖިދާ ވަނީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއި އެންމެ މޮޅު ސްޕައިކަރުގެ އެވޯޑް ހޯދާފައެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާ / ފޮޓޯ: ފުނަދޫ ސްޕޯޓްސް
މީގެ އިތުރުން، ށ.އަތޮޅު ހޮސްޕިޓަލްގެ ނަސްރިއްޔާ މުޙައްމަދު ވަނީ މުބާރާތުގެ އެންމެ މޮޅު ސެޓަރުގެ އެވޯޑް ހޯދާފައެވެ. ށ.އަތޮޅު ކައުންސިލް ރެކްރިއޭޝަން ކްލަބްގެ މާޔާ ޙުސައިން ޞާލިޙް އަށް އެންމެ އުންމީދީ ކުޅުންތެރިޔާގެ އެވޯޑް ލިބުނުއިރު، އެ ޓީމުގެ ފާޠިމަތު ސަމްޙާ އަށް މުބާރާތުގެ ގޯލްޑަން ސްޓާރ އެވޯޑް ލިބިފައިވެއެވެ.

ށ.އަތޮޅު ހޮސްޕިޓަލްގެ ކޯޗް އަޙްމަދު އިބްރާހީމްފުޅު (ގުޑްލަކް އަންމަޑޭ) ވަނީ މުބާރާތުގެ އެންމެ މޮޅު ކޯޗުގެ އެވޯޑް ހޯދާފައެވެ. 

މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިން / ފޮޓޯ: ފުނަދޫ ސްޕޯޓްސް
ށ.ފުނަދޫ ކައުންސިލުން ކުރިއަށްގެންދާ އޮފީސްތަކުގެ ވޮލީ މުބާރާތުގެ އަންހެން ޑިވިޟަން ވަރަށް ކާމިޔާބު ކަމާއެކު ނިންމާލާފައި ވީ ނަމަވެސް، މި މުބާރާތުގެ ފިރިހެން ޑިވިޟަނުގެ މެޗުތައް ކުރިއަށްދެއެވެ. ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން ބައެއް މެޗްތައް ވަނީ ފަސްކުރެވިފައެވެ.

ގުޅޭ ޚަބަރުތައް